ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީގެކުރިން އިއުލާން ކޮށްފައިވާ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ. މިއީ އަލަށް އައްޔަން ކުރެއްވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެ މަގާމަށް އައްޔަން ކުރެއްވި ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ފުރަތަމަ ފަހަރެވެ.

އެމަނިކުފާނު ސޮއި ކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށެވެ.

އަދި ބަލީގެ ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *