އިންތިހާބު ކާމިޔާބު ކުރެވޭނެ ޔަގީންކަން އެބައޮތް: ބައިޑަން

ބައިޑަން --

އިއްޔެ އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ވިލްމިންޓަންގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ބައިޑަން ވިދާޅުވީ މިވަގުތު ލިބެމުންދާ ނަތީޖާތަކުން ބެލެވެނީ އިންތިހާބު ކާމިޔާބު ކުރާނީ އޭނާ ކަމަށެވެ. މިހާތަނަށް ގުނިފައިވާ ވޯޓުތަކަށް ބަލާއިރު އޭނާ އަށް ލިބިފައިވާ ވޯޓުތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށް ބައިޑަން ވިދާޅުވިއެވެ.

"މިހާރުގެ ނަތީޖާ ރަނގަޅު ކަމަށް އަޅުގަނޑުމެން ދެކެނީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން މިތިބީ ކާމިޔާބީގެ މަގުމަތީގައި،" ބައިޑެން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ މީގެކުރިންވެސް އިންތިހާބުގެ ވޯޓު ގުނުން ލަސް ވާނެ ކަމަށް ބެލެވުނު ކަމަށެވެ. ނަމަވެސް މިހާރު ވޯޓުގެ ގުނުން ލަސްވެދާނެ ކަމަށް ލަފާކޮށްފައިވާ ވަގުތަކީ އުއްމީދު ކުރި ވަގުތެއް ނޫން ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއިރު އިންތިހާބުގައި ބައިޑަން އާއެކު ވާދަކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އާއްމު ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ލިބުނު ނަމަވެސް ވެރިކަމަށް ވަޑައިގެންނެވެން އޮންނަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖު ވޯޓަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުންނާއެކު ހިމެނޭ ވޯޓެކެވެ. ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓޯރަލް ވޯޓުލާނެ ފަރާތެއްގެ ނަން ހުށަހަޅައެވެ. އެނަމަކީ ޕާޓީއަށް ވަފާތެރި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު ބައިޑަން ވަނީ 225 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *