އެމެރިކާގެ ރިޔާސީ އިންތިހާބު: ކުރީގައި އުޅެނީ ބައިޑަން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވާ ބައިޑަން އަދި މިހާރުގެ ރައީސް ޑޮނަލްޑު ޓްރަމްޕް

މުޅި ދުނިޔެ މިވަގުތު ހުއްޓިފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށް ވަކާލާތު ކުރާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް މިވަގުތު ދައްކާ ގޮތުން، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަން ކުރީގައި އުޅޭ ކަމަށް އިލެކްޓޯރަލް ކޮލެޖު ވޯޓުން ދައްކައިފިއެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި އިލެކްޓޯރަލް ކޮލެޖު ވޯޓުން ބައިޑަން އަށް 209 ވޯޓު ލިބިފައިވާއިރު މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އަށް ލިބިފައި ވަނީ 118 ވޯޓެވެ. ނަމަވެސް މިއީ އަދި ބަދަލުވާނެ ނަތީޖާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގިނަ ސްޓޭޓުތަކުން އެންމެ ގިނަ ވޯޓު މިހާތަނަށް ލިބުނު ކެންޑިޑޭޓަކީ ޓްރަމްޕްއެވެ. ނަމަވެސް ބައެއް ސްޓޭޓުތަކުގައި ބައިޑަން ކުރީގައި އުޅުއްވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އާއްމު ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ލިބުނު ނަމަވެސް ވެރިކަމަށް ވަޑައިގެންނެވެން އޮންނަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖު ވޯޓަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުންނާއެކު ހިމެނޭ ވޯޓެކެވެ. ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓޯރަލް ވޯޓުލާނެ ފަރާތެއްގެ ނަން ހުށަހަޅައެވެ. އެނަމަކީ ޕާޓީއަށް ވަފާތެރި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިލެކްޓޯރަލް ކޮލެޖުގައި ވޯޓުލާނީ ރިޔާސީ އިންތިހާބު ބޭއްވުމުގެ ހަފުތާތަކެއް ފަހުންނެވެ. އިލެކްޓޯރަލް ކޮލެޖުން މި އަހަރު ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *