އޮސްޓްރިއާ އަދި އަފްގާނިސްތާނަށް ދިން ހަމަލާތައް ޝާހިދު ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރު ޝާހިދު ވަނީ އޮސްޓްރިއާގެ ހާރިޖީ ވަޒީރު އެލެގްޒެންޑާ ޝެލެންބާގްއަށް ދަންނަވާފައެވެ.
އަދި ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްގާނިސްތާނުގެ ވަގުތީ ހާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރު ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ.
މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި އަފްގާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްގާނިސްތާން ސަރުކާރާއެކު އޮތް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އޮސްޓްރިއާގައި ދިން ހަމަލާތަކުގައި 4 މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަފްގާނިސްތާނުގައި ދިން ހަމަލާގައި 19 މީހުން މަރުވެފައިވެއެވެ. މިއީ އަފްގާނިސްތާނުގައި ތައުލީމީ މަރުޒަކަށް 1 ހަފްތާ ތެރޭ ދިން މިފަދަ ދެވަނަ ހަމަލާއެވެ.

Leave a Reply

Your email address will not be published. Required fields are marked *