ނަސްރުގެ ދުވަހުން ލިބުނު ފިލާވަޅަކީ އުފަން ފަސްގަނޑު ދެކެ ލޯބިވުމުގެ މުހިއްމުކަން: ރައީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި ރައީސް ސޯލިހު-- ފޮޓޯ/ ރައީސް އޮފީސް

މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުން ލިބިގެން ދިޔަ ފިލާވަޅަކީ އުފަން ފަސްގަނޑު ދެކެ ލޯބިވުމުގެ މުހިއްމުކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ ޢަދަދުގައި ހިމެނުމަށް ފޮނުއްވި ހިތާބުގައި ރައީށް ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތައް ދިވެހިން އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމަށެވެ.

އަދި އެހާދިސާއިން އިބްރަތް ހާސިލު ކުރަމުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމުކަން ކަމަށެވެ.

"އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދެއެވެ. ޖީލުން ޖީލަށް އެ ލޯބި ވާސިލުވެއެވެ." ރައީސް ވިދާޅުވިއެވެ.

ދިވެހި ގައުމުގެ ދިފާއީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން، ދިވެހި ގައުމު ހިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެ ކަމަށާއި އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *