ބީއެމްއެލް ކާޑުތަކުން އޮންލައިން ޓްރޭޑު ނުކުރެވޭ ގޮތަށް ހަދަން ނިންމައިފި

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތައް މެދުވެރިކޮށް މީގެފަހުން އޮންލައިން ޓްރޭޑު ނުކުރެވޭ ގޮތަށް އެ ބޭންކް އިން ހަދަން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކަށް މީހުން ވަދެ މުއާމަލާތް ކޮށްފައިވާ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކް އިން ބުންޏެވެ.

"ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ މިދަނީ ބޭރުވަމުންނެވެ." ބީއެމްއެލް އިން ބުންޏެވެ.

މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *