ޑްރައިވަރު އައިންތު އަށް ހަމަލާދޭ މީހުންގެ މައްސަލަ ނުބެލެނީ ކީއްވެތޯ ބަލަންޖެހޭ: މެންބަރުން

އައިންތު އޭނާގެ ކާރުގައި ---

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ބަޔަކު ގެއްލުން ދެމުން ގެންދާ މައްސަލަ ނުބެލިގެން އުޅެނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ އަކީ ފުލުހުން ވެސް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ވެސް އެ މައްސަލަ އެހެން ނަޒަރިއްޔާތަކުން ބަލަންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

"ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އެބަ ބަލަން ޖެހޭ އައިމިނަތު ވަހީދާ އަށް ފަސް ފަހަރެއްގެ މަތިން މިކަހަލަ ހަމަލާއެއް އައިސްފައި އޮވެ އެކަން ނުބަލާ އޮތީމާ، ހެއްކެތް ނެތޭ ކިޔާފައި ކަން ކުރި މީހާ ދޫކޮށްލީމާ ފުލުހުންގެ ތެރެއިން މި މައްސަލަ ނުބަލައިގެން އުޅެނީ ކީއްވެގެންތޯ ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނުން މިހާރު ބަލާ ހިސާބަށް ގޮސްފި،" އީވާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: ފޮޓޯ / މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޑްރައިވަރު އައިންތު އަށް ދެމުން ގެންދާ ހަމަލާ އަކީ ވަކި ޖިންސަކަށް ވީތީ ދެމުން ގެންދާ ހަމަލާއެއް ކަމަށް ދެކޭ ކަމަށެވެ. ފަސް ވަނަ ފަހަރަށް އޭނާ އަށް ހަމަލާ އަމާޒު ވެގެން ދިޔައިރު މިހާތަނަށް ވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާތީ މީކާއިލް ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

"ސީސީޓީވީ އިން އެކަން ކުރީ ކާކުކަން ފެންނައިރުވެސް މިއޮއް ބޮޑު މާލެއިން މިއަދާ ހަމަ އަށްވެސް އެކަން ކުރި މީހަކު ހޯދިފައި ނުވާކަމީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،" މީކާއިލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް/ ފޮޓޯ: މަޖިލިސް

އައްޑޫ މީދޫ ދައިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 5 ފަހަރެއްގެ މަތީން އާމިނަތު ވަހީދާއަށް ހަމަލާދީފައިވާއިރު މިކަން ސީރިއަސް މައްސައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ޑްރައިވަރު އައިންތު އަށް އިންސާފު ލިބުން އަވަސް ކޮށްދެއްވުމަށް ރޮޒައިނާ ގޮވާލެއްވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ޑްރައިވަރު އައިންތު އަށް ފުރައްސާރަޮށް އެކި ފަހަރު މަތިން އައިންތުގެ ކާރަށް ގެއްލުންތައް ދީފައިވާ ކަމަށާއި އެ އަމަލަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: ފޮޓޯ / މަޖިލިސް

އަލީ އާޒިމް ވިދާޅުވީ ބައެއްގެ ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން ޑްރައިވަރު އައިންތު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. އާޒިމް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެއިތުރުން މި މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވަނީ މި މައްސަލަ ބަލައިދީ އޭނާއަށް ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައިފައެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހު އައިންތު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު އޭނާ ޓެކްސީ ކުރަމުން އަންނަ ކާރު ޑްރަގު ކޯޓު ކައިރީގައި ބާއްވާފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ. އަދި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން އެގޮތަށް އޭނާގެ ކާރަށް ގެއްލުން ދިން ފަސްވަނަ ފަހަރު ކަމަށް އައިންތު ބުންޏެވެ.

"މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ. މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމު ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން،" އައިންތު ބުންޏެވެ.

އައިންތު އަށް އެހީތެރިވެ އޭނާ ކާރު މަރާމާތު ކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުއެވެ. މިކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، އޭނާގެ އެހީތެރިކަން އަބަދުވެސް އައިންތުއަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އައިންތުއަށް ގޯނާ ކުރަމުން އަންނަ މީހާ އާއި ގާނޫނު އަރާ ހަމަކުރަންދެއް އޭނާއަށް އެހީވާނެ ކަމަށާއި، އައިންތު އަކީ ހިތްވަރުގަދަ އަންހެން ކަނބަލުންގެ ނަމޫނާއެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *