އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާނީ މިމަހުގެ 9ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހަޅުއްވާނީ މި މަހުގެ 9ވަނަ ދުވަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ މަޖިލީހުގެ އެޖެންޑާ އިއްވައި ދެއްވުމަށްފަހު ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުމަށް މިނިސްޓަރު އަމީރު ބޭނުންފުޅު ވަނީ މި މަހުގެ 9ވަނަ ދުވަހު ކަމަށެވެ. އެއީ އަންނަ ހޯމަ ދުވަހުއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު މަޖިލީހަށް މިނިސްޓަރު ހުށަހެޅުއްވުމުން މި މަހުގެ 16ވަނަ ދުވަހު މަޖިލީހުގެ މެންބަރުންނަށް ބަޖެޓާއި ގުޅޭ ގޮތުން، ބަހުސް ކުރެއްވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި ކޮންމެ މެންބަރަކަށް ވެސް ބަޖެޓަށް ބަހުސް ކުރެއްވުމަށް 15 މިނެޓު ލިބިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަންނަ އަހަރުގެ ބަޖެޓު ލިބިފައިވީ ނަމަވެސް މެންބަރުންނަށް ބަޖެޓު އެރުވެން އޮތީ މަޖިލީހަށް މިނިސްޓަރު ބަޖެޓު ހުށަހެޅުއްވުމުން ކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާއިރު ބަޖެޓާއި ގުޅޭ މާބޮޑު ތަފްސީލެއް އަދި ނޭނގެއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވަޝް އާދަމް "ޕީއެސްއެމް" އަށް މައުލޫމާތުދެއްވަމުން މީގެކުރިން ވިދާޅުވީ 2021 ވަނަ އަހަރަށްލަފާކުރާ ބަޖެޓްގެ ގޮތުގައި މިދިޔަ މަހުގެ 31 ގެ ކުރިން މަޖިލީހަށް 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ހުށައަޅާނެ ކަމަށެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *