ކައުންސިލް އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

މީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ފޮށިތަކެއް ބަހައްޓާފައި ހުރި މަރުކަޒެއް: ފޮޓޯ / ސަން

ކޮވިޑް19 ގެ ސަބަބުން މިއަހަރު ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ކޮވިޑްގެ ސަބަބުން ފަސްކުރި ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ވަނީ ހާއްސަ ބިލެއް ފާސްކޮށްފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި 10ގެ ކުރިންނެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު"ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ސަރުކާރުން ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލު ބުނެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 6 ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުން އިސްލާހު ގެނެސްފައި ވަނީ އެ ބިލު އަމަލު ކުރަންފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ.

ފުއާދު ވިދާޅުވީ މީގެކުރިން ބާއްވަން ނިންމި އިންތިހާބުތަކާއި މީގެކުރިން ރާއްޖޭގައި ބާއްވާފައިވާ އިންތިހާބުތަކާއި ހިލާފަށް އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ތަފާތު ކަމެއް ހުންނާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ އަންނަ އަހަރު ކައުންސިލް އިންތިހާބު ބާއްވާނީ ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާ ބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ޤާނޫނުގައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *