ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓު: ފޮޓޯ / ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ. '

މިއިން ކޮންމެ ކޯޓަކަށްވެސް ހޯދަނީ އެއް ފަނޑިޔާރުންނެވެ. ޖޭއެސްސީ އިން ބުނީ އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބިގެންދާނެ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ ކަމަށެވެ.

ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނުގައި ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެ ކަމަށާއި ފޯނު އެލަވަންސް ވެސް އެ އުސޫލުން ދެވިގެން ދާނެ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކަށް ވާންޖެހެއެވެ. ސުންނަތް ޖަމާއަތުގެ މީހަކަށް ވާންޖެހެއެވެ. ބުއްދި ހަމަ އަށް ހުރި މީހަކަށް ވާންޖެހޭއިރު ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.

ޖޭއެސްސީގެ އިއުލާނުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ގާނޫނުލްޢުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވާން ޖެހެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީ އިން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 9ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް (admin@jsc.gov.mv) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *