ޑްރައިވަރު އައިންތުގެ ކާރު މަރާމާތުކޮށްފި، އެހީތެރިވީ މިނިސްޓަރު މަހްލޫފު

އައިންތު އޭނާގެ ކާރުގައި ---

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ބަޔަކު ގެއްލުން ދިނުމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އެހީތެރިކަމާއެކު އެ ކާރު މަރާމާތުކޮށްފިއެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހު އައިންތު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު އޭނާ ޓެކްސީ ކުރަމުން އަންނަ ކާރު ޑްރަގު ކޯޓު ކައިރީގައި ބާއްވާފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ. އަދި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން އެގޮތަށް އޭނާގެ ކާރަށް ގެއްލުން ދިން ފަސްވަނަ ފަހަރު ކަމަށް އައިންތު ބުންޏެވެ.

"މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ. މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމު ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން،" އައިންތު ބުންޏެވެ.

އެކަމާއި ގުޅިގެން އެތައް ބަޔަކު އެކަން ކުށްވެރި ކުރިއެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އައިންތު މިއަދު ބުނީ އޭނާ ފޭސްބުކްގައި ކާރަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައް ހިއްސާ ކުރުމުން މިނިސްޓަރު މަހްލޫފު އޭނާ އަށް ގުޅާ އޭނާއާ ބައްދަލުކޮށް ކާރަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އޮޅުން ފިލުވި ކަމަށެވެ. އަދި ކާރު ގަރާޖަކަށް އައިންތު ގެންދިއުމުން ކާރަށް ދާނެ ހަރަދު މިނިސްޓަރު މަހްލޫފަށް ފޮނުވި ކަމަށާއި ހުރިހާ ހަރަދެއްވެސް ކޮށްދެއްވީ މިނިސްޓަރު މަހުލޫފު ކަމަށް އައިންތު ބުންޏެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، އޭނާގެ އެހީތެރިކަން އަބަދުވެސް އައިންތުއަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އައިންތުއަށް ގޯނާ ކުރަމުން އަންނަ މީހާ އާއި ގާނޫނު އަރާ ހަމަކުރަންދެއް އޭނާއަށް އެހީވާނެ ކަމަށާއި، އައިންތު އަކީ ހިތްވަރުގަދަ އަންހެން ކަނބަލުންގެ ނަމޫނާއެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެކުރިންވެސް އައިންތުގެ ކާރަށް ގެއްލުން ދިނުމުން ފުލުހުން އެ މައްސަލަ ބަލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *