ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރާއި ރައީސް ސޯލިހާއި ދެބޭފުޅުން ބައްދަލުކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

ފަތުރުވެރިކަމުގެ ސިނާޢަތާއި، ވިޔަފާރީގެ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

ކެރޮން ރޮސްލާ މިއަދު ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ގާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަގާމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވާފައި ވާތީ، އެކަން ފާހަގަކުރައްވާ، ކެރޮން ރޮސްލާއަށް މަރުހަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާއި، މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސި ވިލާތުގެ ސަފީރު ވަނީ، ކޮވިޑް19 ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ދިވެހި ސަރުކާރުން ކޮވިޑް19 ގެ މި ހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.

އަދި މި ބަލިމަޑުކަމާއެކު އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ، އެއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ އެ ގައުމުގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *