ދޯނި ހައިޖެކްކުރި މައްސަލާގައި ހައްޔަރުކުރި 16 މީހުން ދޫކޮށްލުމުން މައްސަލަ އިސްތިއުނާފަށް

ފަސްކުރި ދޯނި ---

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ކިޔާ މަސްދޯންޏަށް ބަޔަކު ތޫނު އެއްޗެހި ހިފައިގެން އަރައި އެ ދޯނި ހައިޖެކް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުން މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ދޯންޏަށް ތޫނު އެއްޗެއްސާއެކު ބަޔަކު އެރީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބައެވެ.

އެ މައްސަލާގައި އެކި ފަހަރުތަކުގެ މަތިން ޖުމްލަ 16 މީހަކު ހައްޔަރުކުރިއެވެ. އެހެންނަމަވެސް އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގަމު މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ ދޫކޮށްލަން އަމުރުކޮށްފައެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ބަޔަކު އެރި މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއްވެސް ތަހުގީގު ތެރެއިން ބެލިގެން ދާނެ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވާ 16 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މިހާރު ދަންނަވާފައިވާނެ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާ ނަމަ، އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *