ޒުހޫރު އޮސްޓްރޭލިއާގައި، މިސްރާބު ހުރީ ދަނޑުވެރިކަމަށް

ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. ޔޫތު މިނިސްޓަރުކަން ވެސް އަދާކުރެއްވިއެވެ. އަދި ހެލްތު މިނިސްޓަރަކަށް ވެސް ހުންނެވިއެވެ. އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަމެވެ. ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް ފުރުއްވެވިއެވެ. ރިޔާސީ ދައުރު ހަމަވިއިރު، އޭނާ ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެ ހިދުމަތްތެރިޔާ އަހުމަދު ޒުހޫރު މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގެ މެލްބަންގައެވެ. އަނބިދަރިންނާ ވެސް އެކުގައެވެ. ޔާމީންގެ ކެބިނެޓަށް ވަޑައިގަތުމުގެ ކުރިން ވެސް އޭނާ ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކު އޮސްޓްރޭލިއާގައެވެ.

ޒުހޫރުގެ ދިރިއުޅުއްވުމުން މިހާރު އެންމެ ފާހަގަ ކުރެވެނީ މެލްބަނުން އޭނާ ބައްލަވައިގެންފައިވާ ގޭގައި ހައްދަވާ މެވާ އާއި ތަރުކާރީއެވެ. އެ މަސައްކަތް އޭނާ ކުރައްވަނީ ޝައުގުވެރިކަމާއެކުގައެވެ. ގެއަށް ބޭނުންވާ ވަރަށް ކާނާ ލިބި، އަވަށްޓެރިންނާއި އެކުވެރިންނަށް ވެސް ބައްސަވާ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު އޭނާ ދިރިއުޅުއްވާ އޮސްޓްރޭލިއާގެ ގޭގައި ހައްދާފައިވާ ޕްލަމް މޭވާތަކެއް

ޒުހޫރު "ހަތާވީސް އޮންލައިން"އަށް ވިދާޅުވީ މޭބިސްކަދުރާއި ތީނި (ވައްތީނި) އާއި ޕްލަމް އާއި މެންޑްރިން އާއި އަންނާރާއި ދޮންކޭލާއި ލުނބޯ އާއި އެކި ބާވަތްތަކުގެ ފަތްޕިލާވެލި އަދި ގިތެޔޮ މިރުސް ވެސް ހައްދާ ކަމަށެވެ. ބާޒާރުން ތަކެތި ނުގަނެ، ގެއަށް ބޭނުންވާ ވަރަށް ގެއިން ހައްދައިގެެން ލިބޭ ކަމަށާއި އެ މަސައްކަތް އޭނާ މެލްބަންގައި ކުރާތާ 13 އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އޭރު ވެސް ދިރިއުޅެމުން އައީ އޮސްޓްރޭލިއާގައި. ރާއްޖެ ދިޔައީ ގައުމަށް ހިދުމަތް ކުރުމަށް. ކުރީގެ ސަރުކާރުން އެކަމަށް އެދުނީމަ އަޅުގަނޑު ރާއްޖެ ބަދަލުވީ. އެކަމަކު އަނބިދަރިން ދިރިއުޅެމުން ދިޔައީ މިކޮޅުގައި،" އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަވައި، ޒުހޫރު ވިދާޅުވިއެވެ.

"އާ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އަޅުގަނޑު ދިރިއުޅުން އެނބުރި މިކޮޅަށް (އޮސްޓްރޭލިއާއަށް) ބަދަލުވެ، އާންމު ދިރިއުޅުމަށް ރުޖޫއަވެފަ މިހުރީ."

އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ދަނޑުވެރިކަމުގެ މަސައްކަތް ބަޔަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ވަރުވާއަށް ރަށެއް ނަންގަވައި، ބޭރުގެ ބަޔަކާ ގުޅިގެން ގއ. ފުނަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.

އެ މަސައްކަތް ފެށުމަށް ހުޅުމާލޭގައި އަޖުމަބަލާލުމަށް ހައިޑްރޯފޯނިކްސް ސިސްޓަމެއް ވެސް އޭނާ ބޭނުންކުރެއްވިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒުހޫރު ވަނީ އާއިލާއާއެކު ރާއްޖެ ވަޑައިގެން، ފުނަދޫގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މަސައްކަތް ބައްލަވާލައްވާފައެވެ.

އޭނާ ވިދާޅުވީ އެފަދަ މަސައްކަތްތަކަށް އޮތް ހުރަހަކީ ރާއްޖޭގެ ކުލި ބޮޑުވުމާއި ވިޔަފާރިއަކަށް އެފަދަ ކަމެއް ކުރުމަށް ހުރަސްތަކެއް ހުރުން ކަމަށެވެ. އެގޮތުން އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުވެފައި ނެތް ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމުން ކޮންމެ ސަރުކާރަކުން ވެސް ދެނީ ބީރުކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. ފުނަދޫއިން ވަރުވާއަށް ނަންގަވާފައިވާ ރަށުގައި ދަނޑުވެރިކަން ފަށާފައި

ޒުހޫރު ވިދާޅުވި ގޮތުގައި އޭނާއަކީ ސިޔާސީ މީހެއް ނޫނެވެެ. ހިތުގެ އަޑިން އަމިއްލައަށް ގަބޫލު ކުރަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. އޮސްޓްރޭލިއާގައި ދިރިއުޅުއްވި ނަމަވެސް، ރާއްޖެއާ ދުރުނުވެވޭނެ ކަމަށާއި ގައުމަށް ހިދުމަތް ކުރަން އޭރު ނުކުތީ ގައުމު އެކަމަށް އެދުމުން ކަމަށް ޒުހޫރު ވިދާޅުވިއެވެ. ގާބިލިއްޔަތު ތަންދިން އެންެމެ މަތީ މިންވަރަކުން އޭނާ މަސައްކަތްކޮށްފައި ވާނީ އެތަނެއްގެ ނިޒާމު ރަނގަޅު ކުރުމަށް ކަމަށާއި ދެން ވެސް ގައުމު އެދިއްޖެ ނަމަ، އެފަދަ ކަމަކަށް ނޫނެކޭ ނުބުނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެބިނެޓަށް ވަޑައިގަތުމުގެ ކުރިން ޒުހޫރު އަދާކުރައްވަމުން ގެންދެވީ އަހަރެއްގެ މައްޗަށް 300،000 އަށް ވުރެ ގިނަ ޑޮލަރު(4.6 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭ ވަޒީފާއެއްގައެވެ. އެއީ އޮސްޓްރޭލިއާގެ އާގު ބޯޓުފަހަރާ ގުޅޭ ކުންފުންޏެއް ކަމަށްވާ (އިންކޯ ޝިޕްސް)ގެ ޗީފް އިންޖިނިއަރެއްގެ މަގާމެވެ. މިހާރު އޭނާ އާމްދަނީ ހޯއްދަވަނީ ރިއަލް އެސްޓޭޓް ވިޔަފާރިންނެވެ.  ނިޔަމިކަމާއި މާލީ ދާއިރާއިން ވެސް މާސްޓަރސް ހައްދަވާފައިވާ ޒުހޫރު، އޮސްޓްރޭލިއަން މެރިޓައިމް ކޮލެޖުގެ ވިސިޓިން ލެކްޗަރާއަކަށް ވެސް ވަޑައިގަންނަައެވެ.

ޒުހޫރު ދިރިއުޅުއްވާ އޮސްޓްރޭލިއާގެ ގޭގައި ތީނި (ވައްތީނި) ހައްދާފައި

ޒުހޫރު އޮސްޓްރޭލިއާ ދިރިއުޅުމުން ފެނިގެން ދަނީ މުޅިން ތަފާތު، މަންޒަރެކެވެ. މުޅިން އެހެން ދާއިރާއެއްގައި، އެހެން ޝައުގުވެރިކަމެއްގައި އާ ސަފުހާއެއް ލިޔުއްވަން ވަނީ އަމާޒު ހިފާފައެވެ. ދާހިލީ ކަންކަމާ ގުޅޭ ވުޒާރާ ހިންގަވައި، ޒުވާނުންނާ ގުޅޭ ވުޒާރާ ބަލަހައްޓަވައި، ސިއްހީ ހިދުމަތުގެ ވުޒާރާ ނެގެހެއްޓެވުމުގެ ޒިންމާ އަދާކުރެއްވި ޒުހޫރު މިހާރު މިސްރާބު ޖަހާފައި އެ ވަނީ ދަނޑުވެރިކަމަަށެވެ. އަމާޒަކީ ބޭނުންވާ މަސައްކަތުގައި، ބޭނުންވާ ލަނޑުދަނޑިއަށް ހާސިލުވުން ކަމަށް ޒުހޫރު ވިދާޅުވިއެވެ.

"އަހަރެންގެ ފިލޯސޮފީއަކީ ނުވާނެ އެއްވެސް ކަމެއް ނޯންނާނެއޭ. ކޮންމެ ކަމެއް ވެސް ވާނެ. ކުރިއަށް ދެވޭނީ އެ މަގުން ހިގައިގެން،" ގދ. ތިނަދޫއަށް އުފަން ޒުހޫރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.