ބޯޑަރު ހުޅުވާލި ފަހުން 37،000 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 37،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 37,468 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1,752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7,628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9,538 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން އެގައުމުން ވަނީ 7,507 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަސް ތެރޭގައެވެ. އޭގެފަހުން ބޯޑަރު ހުޅުވާލީ ތިންމަސް ދުވަސް ފަހުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުން އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ދުވަހެއް ދުވަހަކަށް ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ.

ސަރުކާރުން އަމާޒު ކަނޑައަޅާފައި ވަނީ 500،000 ފަތުރުވެރިން މިއަހަރު ރާއްޖެ ގެނައުމަށެވެ. މިހާރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ އަދަދު ވަނީ 420،315 އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *