ކުޅިވަރުގެ ގާނޫނަށް ހަސަން ހުށަހެޅި އިސްލާހުން ގިނަ ކުޅިވަރުތައް ސަސްޕެންޑު ކުރާނެ: މަހްލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު -- އާއްމު މަސްލަހަތު ގެއްލޭ ހަރަކާތްތަކަށް ހިތްވަރު ނުދިނުމަށް ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ވަނީ ގޮވާލާފައި: ފޮޓޯ /ސަން

ކުޅިވަރުގެ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުން ރާއްޖޭގެ ގިނަ ކުޅިވަރުތައް ސަސްޕެންޑު ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ހަސަން އިއްޔެ ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރު ހިންގުމުގައި ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅިވަރާއި އަދި ޒުވާނުންގެ ވަޒީރުކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުން ކަމަށެވެ.

ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީ ކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ކަމަށްވެސް ބިލު ހުށަހެޅި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޔޫތު މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށެވެ.

"އެސޯސިއޭޝަނުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް. ދިވެހި ރާއްޖޭގެ ގާނޫނު [ކުޅިވަރު ގާނޫނު] އޮތީ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދާ އެއްގޮތަށް. ހަސަން ލަތީފުގެ ބައެއް އިސްލާހުތަކުން ދިވެހި ރާއްޖޭ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ،" މަހްލޫފު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *