ގޫގަލް "ލޫން ޕްރޮޖެކްޓުގެ" ބެލޫނެއް ރާއްޖެއަށް ވެއްޓިއްޖެ

ގޫގުލް ލޫން ޕްރޮޖެކްޓުގެ ބެލޫން އެމްއެންޑީއެފް އިން ނަގައިގެން ލޯންޗަކަށް އަރުވާފައި ---

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މަޢުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައި ވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ.

އެ ބެލޫން ވެއްޓިފައި ވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަޙައްދަށް ގޮސް، އެ ބެލޫން ހޯދާފައިވާ ކަމަށާއ އަދި، ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *