ދަތުރުކުރަން ރައްކާތެރި ކަމަށް ސްވިޒަލޭންޑުން ކަނޑައެޅި ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ސްވިޒަލޭންޑުން ދަތުރު ކުރުމަށް ރައްކާތެރި ކަމަށް ކަނޑައެޅި ލިސްޓުގެ ތެރޭގައި ރާއްޖެ ހިމަނައިފިއެވެ.

މިއަހަރުގެ މިހާތަނަށް ބަލާއިރު ސްވިޒަލޭންޑަކީ 10ވަނަ އަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމެވެ. އެގޮތުން ސްވިޒަލޭންޑުން މިއަހަރުގެ މިހާތަނަށް ވަނީ 3،036 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ސްވިޒަރލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ "ރިސްކު ކަންޓްރީން ލިސްޓު" އިން ރާއްޖޭގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ. ރާއްޖެއައިސް އެނބުރި ސްވިޒަލެންޑަށް ދިޔުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ސްވިޒަލެންޑުގެ އިތުރުން އިނގިރޭސިވިލާތާއި ގަތަރުންވެސް ވަނީ އެ ގައުމުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެގެން ދިޔަ ނަމަވެސް މިހާރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ވެއްޓިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *