އެގާރަ ހާހަށްވުރެ ގިނަ ބުކިން ކެންސަލް ކުރިއިރު 24 ހާހަށްވުރެ ގިނަ ބުކިން ހައްދައިފި

ފަތުރުވެރިންތަކެއް --

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އައުމަށް ބުކިން ހައްދާފައިވާ މީހުންގެ ތެރެއިން ބުކިން ކެންސަލް ކުރި މީހުންގެ އަދަދަށްވުރެ އިތުރަށް ބުކިން ހެއްދި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އައުމަށް ބުކިން ހައްދާފައިވާ މީހުންގެ ތެރެއިން ކެންސަލް ކޮށްފައި ވަނީ 11،115 ބުކިން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރާއްޖެ އައުމަށް އިތުރަށް 24،159 މީހަކު ބުކިން ހައްދާފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ފެތުރެމުން އައި ނަމަވެސް ރާއްޖޭގެ ފަތުރުވެރި ކަމަށް އެކަމުން ގެއްލުމެއް ލިބިގެން ދާތަން ތަފާސް ހިސާބުތަކުން ނުދައްކާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މިއަހަރުގެ މި މުއްދަތުގައި އައިސްފައިވާ ފަތުރުވެރިންގެ އަދަދު އިތުރު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 151،554 ފަތުރުވެރިންނެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 173،874 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންނަމަވެސް އަލީ ވަހީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އަންނަ ލޮޅުން ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އަރަމުން އަންނަ ލޮޅުންތައް ދިރާސާ ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ފަތުރުވެރި ކަމަށްވެސް ލޮޅުންތައް އަރާނެ ކަމަށެވެ. އެއީ ކޮރޯނާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް އަންނަ ޗައިނާގެ ސީދާ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި ޗައިނާއިން ރާއްޖެ އައިސްފައިވާ ފަތުރުވެރިން ބަލާ މިދިޔަ ހުކުރު ދުވަހު ޗައިނާއިން ވަނީ ތިން ފްލައިޓެއް ރާއްޖެ އައިސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.