ޝަހީބް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ޝަހީބް އިބްރާހީމް ---

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން މި މަހުގެ 12ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބް އިބްރާހިމް (ކާފާ) ފުލުހުންގެ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެކިތަކާއެކު މިއަދު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް މިހާރު އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން މިރޭ ބުންޏެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އިބްރާހީ ޝަހީބް އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައި ވަނީ ޝަހީބް އިބްރާހިމް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *