ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނީ އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ނަމޫނާ ފެނިގެން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---

އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން، ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާ ދިވެހިންގެ ތެރެއިން ފެނިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދު މީލާދުގެ މުނާސަބާގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ރައީސް ވިދާޅުވީ މި މުނާސަބާއިން ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިއުމަތް ކަމަށްވާ، އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަން ކަމަށެވެ. އަދި މުޅިން އައު ސަފްހާއަކުން ދިވެހި ގައުމީ ޝަހުސިއްޔަތުގެ ތާރީހުވެސް ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ އަގީދާ ގަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި މުނާސަބާ ފާހަގަކުރާ މަތިވެރި މަގުސަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، އަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުންކަން ފާހަގަކުރައްވާފައެވެ.

ހަމައެފަދައިން، އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި އާއިލީ ގުޅުންތައް ބަދަހިކުރުމާއި، މައާފްކުރުމާއި ހިތްހެޔޮކަމާއެކު މުއާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަހުލާގީ ނަމޫނާތަކުން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *