ދީނަށް ފުރައްސާރަ ކުރާ މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ / ފޮރިން މިނިސްޓްރީ

އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ އަމަލުތައް އިތުރުވަމުންދާތީ ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދު ބަސް ބުނެ ފާޅުކުރާ ހިޔާލުތަކާއި ކުރެހުންތަކަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އުޒުރު ނުދެއްކޭނެ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ އިންސާނީ މުހިއްމު ހައްގެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ކަމަށާއި ނަމަވެސް ހިޔާލުފާޅުކުރުމުގެ ނަމުގައި ނުވަތަ ދީނުގެ ނަމުގައި ވެސް ކުރާ ހައްދުފަހަނައެޅުމުގެ ކަންކަމަށް ރާއްޖެއިން ދެކޮޅު ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކޮށް، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތަށް ރާއްޖެއިން އެހީވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކާއި އިސްލާމްދީނާއި ގުޅުވައި ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށް ރާއްޖެއިން ބަޔާނެއް ނެރުނުއިރު ފަރަންސޭސިވިލާތުގެ ޓީޗަރަކު ވަނީ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރާ ދަރިވަރުންނަށް އެ ކާޓޫން ދައްކާފައެވެ. އެ މައްސަލަ އާއި ގުޅިގެން އެ ޓީޗަރު މަރާލިއިރު އެގައުމުން ވަނީ އެގައުމުގައި ދޭ އެންމެ މަތީ ޝަރަފް އެ ޓީޗަރަށް ދީފައެވެ. އަދި ފްރާންސްގެ ރައީސް ވަނީ އެ ޓީޗަރުގެ ދިފާއުގައި ނިކުމެފައެވެ. އެކަމާއި ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ ފްރާންސް އާއި ދެކޮޅަށް ކެމްޕެއިންތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *