އެމެރިކާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންނެވުމުން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެކަނބަލުން އެއާޕޯޓުން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕޭއޯ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

Leave a Reply

Your email address will not be published. Required fields are marked *