ޔައުގޫބުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ދާންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ޔައުގޫބު އަބްދުﷲ ގެ މެންބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ. ހަލީމް ވަނީ މި މައްސަލަ އާއި ގުޅިގެން ޔައުގޫބު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން ހުއްޓުވައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް އެދިފައެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެއެވެ.

މި އަމުރު ނެރެދިނުމަށް އެދުނު ނަމަވެސް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެންގީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށާއި ސަބަބަކީ އެއީ ޔައުގޫބަށް އޭނާގެ މެންބަރު ކަމުގެ ހައްގު ހަނިވާނެތީ ކަމަށެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި އެކުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވީ ވެސް އެ މައްސަލާގައި އޭނާ އަށް ލަފާ އެރުއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން ކަމަށް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 73ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ރައްޔިތުން މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ސިފައިންނާއި ފުލުހުންގެ ވަޒީފާއެއް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ދައުލަތުގެ ވަޒީފާއެއް އަދާ ކުރުމަކީ ވެސް އެ މާއްދާގެ ދަށުން މަނާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *