މޫދުގައި މަަރުވެފައި އޮއްވާ ފެނުނު ސިދުރަތުގެ ވީޑިއޯއެއް އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެ

ސިދުރަތު (ރީނދޫ ކުލައިގެ ބޮޅުން ފާަގަކޮށްަފައި) އެންމެ ފަހުން ފެނުނު ދުވަހު ---

އައިޖީއެމްއެޗާ ދިމާލުން މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ އުމުރުން 31 އަހަރުގެ ސިދުރަތުﷲ އެންމެ ފަހުން ފެނުނު ވީޑިއޯއެއް ފުލުހުން އާއްމުކޮށްފިއެވެ.

ވީޑިއޯ އާއްމުކޮށް ފުލުހުން ބުނީ ސިދުރަތު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ. އެހެންކަމުން، ބުރާސްފަތި ދުވަހުގެ އެ ވަގުތުގައި ސިދުރަތު ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ސިދުރަތު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އެހެންކަމުން ފުލުހުން ނިންމީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށެވެ.

މީގެކުރިން ވެސް ފުލުހުން އާއްމުންގެ އެހީއަށް އެދިފައިވެއެވެ. އެގޮތުން މިމަހު 22 ވަނަ ދުވަހު ހެނދުނު 9:00 އާއި 12:00އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ ފަރާތްތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *