އަދުރޭ އަށް ދައުވާކޮށްފި

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

ހަޑި ހުތުރު އެއްޗެހި ކިޔައިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުވާކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އަދުރޭ ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ހުށަހެޅިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އިދިކޮޅު ކޯލިޝަން މިވަގުތު ލީޑުކުރައްވަމުން ގެންދަވާ އަދުރޭ ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ އަދުރޭ ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފައެވެ. އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ އަށް ދައުވާ ކޮށްފައި ވަނީ މިއަދުއެވެ. އަދުރޭގެ މައްޗަށް އުފުލާފައި ވަނީ ހަޑި ހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމުގެ ދައުވާއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓަށެވެ.

ދާދިފަހުން ވެސް އަދުރޭ ވަނީ ލައިވް ޕްރެސް ކޮންފަރެންސެއްގައި އަވަގުރާނަ ގޮވައިފައެވެ. މިދިޔަ އޮގަސްޓު މަހުގެ 31ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އަދުރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަނދުން" ފޮތަށް ނިސްބަތްކޮށް އަވަގުރާނަ ގޮވާފައެވެ.

ރައީސް ނަޝީދު ނެރުއްވި ފޮތުގެ ނަމަށް ނިސްބަތްކޮށް، އަދުރޭ އަވަގުރާނަ ގޮވުމަށްފަހު، އެއީ އޮޅިގެން ކުރެވުނު ކަމެއްކަމަށް ދެއްކުމަށް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *