ވެންޓިލޭޓަރު މައްސަލަ ރިވިއު ކޮށްދިނުމަށް އޭސީސީ އިން ޕީޖީގައި އެދިއްޖެ

އޭސީސީގެ ރައީސް ޝިއުނާ އަދި ޕީޖީ ހުސައިން ޝަމީމް --

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލި މައްސަލަ ރިވިއު ކޮށްދިނުމަށް އޭސީސީ އިން ޕީޖީގައި އެދިއްޖެއެވެ.

އަލުން މައްސަލަ ރިވިއު ކޮށްދިނުމަށް އޭސީސީ އިން ހުށަހަޅާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މީގެކުރިން ޕީޖީ އިން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޕީޖީ އިން ބުނޫ އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޕީޖީ އިން ބުނީ ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން މީގެކުރިން އޭސީސީ އިން ދައުވާ ކޮށްދިނުމަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ އިތުރުން 11 މީހެއްގެ މައްޗަށެވެ. އެ މައްސަލައިގެ ސަބަބުން އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަމުން ދަނިކޮށް އަމީން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *