މޭޑޭގައި ސިޔާސީ މަންފާއަށް އިމްރާން ދެއްކި ވާހަކަ ތަހުގީގުކުރަން ރިލްވާންގެ އާއިލާއިން ގޮވާލައިފި

ރިލްވާން އަށް ވީގޮތް ހޯދުމަށް ގޮވާލާ މީގެކުރިން ބޭއްވި ހިނގާލުމެއްގައި ރިލްވާންގެ މަންމަ (މ): ފޮޓޯ / އަވަސް

ދެހާސް ފަނަރަވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިޔާސީ މަންފާ އަށް ދެއްކި ވާހަކަތައް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒު ކުށްވެރިކޮށްފިއެވެ.

މި މަހުގެ 21ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އޭރު ހުރި ކަމަށް ދެންނެވި ހެކިތައް 2015ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އޭނާ ހައްޔަރު ކުރުމަށްފަހު އޭރު ފުލުހުން އަތުލި ކަމަށެވެ.

އެދުވަހުގެ މުޒާހަރާގައި ބައިވެރިންނާއި މުހާތަބުކޮށް އިމްރާން ވަނީ އޭނާގެ އަތުގައި ރިލްވާންގެ މައްސަލަ އާއި އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

"މޭޑޭގެ މައްސަލައިގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބަޔަކު އަތުގައި އެއެއްޗެހި ވާންވާނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން އޭރުގައި ކޮން ފުލުހުނެއް ތޯ އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންބޭފުޅެއްތޯ އެ ގެންދިޔައީ." ސުވާލަށް ޖަވާބު ދެއްވާ އިމްރާން ވިދާޅުވިއެވެ.

އެ ހެކިތައް ހޯދުމަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާނެ ކަމަށްވެސް ހޯމް މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި އިމްރާން މިއަދު ވިދާޅުވިއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވަނީ މޭޑޭ މުޒާހަރާގައި އެމަނިކުފާނު ގެންގުޅުނީ އަސްލު ހެކިތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިމްރާން ދެއްކި ވާހަކަތައް ކުށްވެރިކޮށް އާއިލާގެ ފަރާތުން ރިލްވާންގެ ދައްތަ ޝެހެނާޒު ކުރި ޓްވީޓެއްގައި ވަނީ ހަގީގަތެއް ނެތް ވާހަކަތައް ދެއްކިއިރު ރިލްވާންގެ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތާއި އޭނާ އަށް ވީގޮތެއް ނޭނގިގެން ރުއިރުއިމާ ކުރި ހިތާމަ އެންމެ ފަހަރަކުވެސް ހިތަށް އެރިތޯ ސުވާލު ކުރައްވާފައެވެ. ސިޔާސީ މީހުންގެ ފައިދާ އަށް އެފަދަ ވާހަކަތައް ދެއްކުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ވެސް ބުންޏެވެ.

ޝެހެނާޒު ވަނީ ޝަރުއީ އެއްވެސް ކޯޓަކުން މިހާތަނަށް ރިލްވާން މަރާލާފައިވާ ކަމަކަށް އާއިލާ އަށް އަންގާފައި ނުވާ ކަމަށާއި ރިލްވާނަށް ވީގޮތް ހޯދަން ރަނގަޅު ތަހުގީގެއް ކުރަންޖެހޭ ކަމަށެވެ. އިމްރާން ދެއްކި ވާހަކަވެސް މަރު ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ ވާހަކަތަކަކީ މަޝްހޫރުވާން ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވެސް ޝެހެނާޒުގެ ޓްވީޓުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *