ބަލިމަޑުކަމުގެ މި ދަނޑިވަޅު އދ. ގެ މުހިއްމުކަން އިހުސާސްވޭ: ޝާހިދު

މިނިސްޓަރު ޝާހިދު: ފޮޓޯ / ފޮރިން މިނިސްޓްރީ

ކޮވިޑް19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އ.ދ. ގެ މުހިއްމުކަން އިތުރަށް އިހްސާސްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ ގެ 75 ވަނަ އަހަރީ ދުވަހު އާއްމު ކުރެއްވި މެސެޖެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް އދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަގުވާމީ ސުލްހަޔާއި، އިގްތިސޯދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ގައުމެއް ކަމަށެވެ. 1965 ވަނަ އަހަރު އދ. ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އދ. ގެ ތެދުވެރި އަދި އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ޤައުމެއްކަމުގައި ވިޔަސް، އ.ދ. ގައި ދިވެހިރާއްޖެއިން ދައްކުވައިދެނީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އެހެނިހެން ޤައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން. މިހާތަނަށް އ.ދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ، ކުޑަ ޤައުމުތަކަކީ އދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ޤަރުނުގައި ތަޢާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލުހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް." ޝާހިދު ވިދާޅުވިއެވެ.

މިއަދާ ހަމައަށް، 75 އަހަރު ވަންދެން އދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރަކަށް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލަމުންދާއިރު، އދ. ގެ ހަގީގީ ރޫހުގައި ތިބެ، ފަހި މުސްތަގުބަލަކަށް ކުރިއަށް ދިޔުމަށްޓަކައި ޔަގީންކަން އެ ޖަމުއިއްޔާގައި އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިހުތިރާމާއި ގަދަރާއެކު އެންމެން އެދޭ މުސްތަހުބަލަށް ވާސިލްވުމަށް އދ. އިން ކަށަވަރުކޮށްދޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *