ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ނިހާން ހާޒިރުކޮށް ސުވާލުކޮށްފި

އަހުމަދު ނިހާން ހުސައިން މަނިކު: ފޮޓޯ / ސަން

ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ކޮމިޝަނަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

އޭނާ ހާޒިރުކޮށް ސުވާލު ކޮށްފައި ވަނީ ކޮން މައްސަލަ އަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. އަދި އެކަމާއި ގުޅޭ ގޮތުން ނިހާންގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވިއެވެ. ނިހާން އެ ކޮމިޝަނަށް ހާޒިރު ކުރެއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އެ ސަރުކާރުގައި ހުންނެވިއިރު އަދީބު ދިފާއު ކުރައްވާ ނިހާން ވަނީ އެކި ޕްލެޓުފޯމުތަކުގައި ވާހަކަދައްކަވާފައެވެ.

ނިހާން އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރިއިރު މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށް އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް ދާދިފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެ މައްސަލަ އަކީ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަކަށްވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އިތުރު ބޭފުޅުން މުއައްސަސާތަކުން ހަމަޖެއްސި، ތަހުގީގު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

"އެކަމަކު ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކަށް ބަލާ ކަމަށްވާ ނަމަ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *