ސަރުކާރު ތެރެއިން ޖޭޕީގެ ހިއްސާ މަދުވީ؟!

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ސޯލިހާ ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އަދި އެމަނިކުފާނު ވަނީ ކޯލިޝަން ސަރުކާރެއް ހިންގޭނެކަން ދިވެހި ރައްޔިތުންނަށް ދައްކުވައި ދެއްވާފައެވެ. މާޒީގައި ކޯލިޝަން ސަރުކާރުތަކަށް އަހަރެއް ނުވަނީސް ކުނިބުނި ޖެހި ސަރުކާރުން ކޯލިޝަން ޕާޓްނަރުން ވަކިވި ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ދެ އަހަރު ވާން ގާތް ވަނީއެވެ. ކޯލިޝަން އޮތީ ބަދަހިކަން މަތީގައެވެ. ކޯލިޝަންގެ ވެރިންނާއި ރައީސް ސޯލިހާއި އޮތް ގުޅުން ވެސް ވަރަށް ރަނގަޅެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮންމެ ޕާޓީ އަކަށްވެސް ވަކި މިންވަރުތަކެއް ކަނޑައެޅިއެވެ. ވަކި މިނިސްޓްރީތަކެއް ކަނޑައެޅިއެވެ. އޭގެތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވެސް ވަކި މިނިސްޓްރީތަކެއް ދެވިގެން ދިޔައެވެ. އޭގެތެރޭގައި ޓެކްނޮލަޖީ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީ ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމުން އެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކާއި މެދު ވާހަކަތައް ދެކެވިގެން ދިޔައެވެ. ބައެއް ފަރާތްތަކުން އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންގެ ނަންތައް ޓޫރިޒަމް މިނިސްޓަރަށް އައްޔަން ކުރުން ރަނގަޅު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހުށަހެޅިއެވެ.

ނަމަވެސް އެންމެ ފަހު ވަގުތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އެގޮތުން އެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވާ ޖުމްހޫރީ ޕާޓީ އަށް އެޕާޓީގެ ހިއްސާ ދެއްވިއެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް މިއޮތީ ކޯލިޝަންގެ ބަހުސެއް ފެށިފައެވެ.

އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީނު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިގެންނެވެ. އެ މައްސަލާގައި މަސައްކަތުން އެކަހެރިވެވަޑައިގެންނެވިތާ ދުވަސް ދުވަސްކޮޅެއް ވަނީ ވެފައެވެ. އިސްތިއުފާގެ ސިޓީ އިން އެނގިގެން ދިޔައީ އިސްތިއުފާ ދެއްވީ ރައީސް ސޯލިހާ މަޝްވަރާ ކުރެވިގެން ކަމެވެ. އެ މަގާމުން އަމީން އިސްތިއުފާ ދެއްވުމުން ގިނަ ބައެއް ހީކޮށްގެން ތިބީ ރައީސް ސޯލިހު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާނީ ޖޭޕީގެ ބޭފުޅެއް ކަމަށެވެ. އަދި ޖޭޕީ އަށް އެޕާޓީގެ ހިއްސާ ދެއްވާނެ ކަމަށެވެ.

ކަން ހިނގައިގެން ދިޔައީ އެހެނެއް ނޫނެވެ. އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު ރައީސް ވަނީ އައްޔަން ކުރައްވާފައެވެ. އެއާއެކު ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު ވަނީ ސުވާލުތަކެއް އުފައްދާފައެވެ. އެގޮތުން މިއީ ކޯލިޝަން ވެރިކަމެއްތޯ ދޭހަވާ ފަދަ މޭރުމަކުން އޭނާ ވަނީ ޓްވީޓު ކުރައްވާފައެވެ.

މިކަމާއި ގުޅޭ ގޮތުން އަދި ޖޭޕީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *