ނިޝާމާގެ ސިޓީއެއް ރައީސަށް: ތަހުގީގަށް އެއްބާރުލުންދޭނަން، ފައިދާވި މީހުންގެ ނަންތައް ހާމަކުރާނަން

ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީގެ ޗެއާ ނިޝާމާ --

ކޮވިޑް19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގައި ނަހަމަ ފައިދާވި މީހުންގެ ނަންތައް ހާމަ ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި އަދި ކޮޮވިޑާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން ހިންގަމުން ގެންދާ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ހެލްތުގެ ބިޑު ކޮމެޓީގެ ޗެއާ ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިޝާމާ ފޮނުއްވި ސިޓީއެއްގައި ވަނީ ތަހުގީގަށް މައުލޫމާތު ހިއްސާކުރެއްވުމުން ރައްކާތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އޮޑިޓް ރިޕޯޓުގައި އޭނާގެ ނަން ހިމެނުނު ކަމަށްވީ ނަމަވެސް އެ މަސައްކަތް އޭނާ ކުރެއްވީ ހެޔޮ ނިޔަތުގައި ކަމަށް ނިޝާމާ ވިދާޅުވެފައިވެއެވެ.

"ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ހަރަދު ކުރުމުގައި އެހެން ފަރާތްތަކަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގައި ކަންހިނގާފައިވާގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާކަމުގައި ދަންނަވަމެވެ." ސިޓީގައި ނިޝާމާ ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުގައި ނިޝާމާގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމާފައެވެ. ނިޝާމާގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވިއެވެ.

ނަމަވެސް އެ މައްސަލަ ޕީޖީ އިން އޭސީސީ އަށް އަނބުރާ ފޮނުވާލީ، ކޯޓުގައި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *