ރިލްވާން މައްސަލައިގެ ހެކިތައް މޭޑޭގައި ފުލުހުން އަތުލި: އިމްރާން

މޭޑޭ މުޒާހަރާގައި އިމްރާން ވާހަކަދައްކަވަނީ ---

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އޭރު ހުރި ކަމަށް ދެންނެވި ހެކިތައް 2015ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރު ކުރުމަށްފަހު އޭރު ފުލުހުން އަތުލި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

އެދުވަހުގެ މުޒާހަރާގައި ބައިވެރިންނާއި މުހާތަބުކޮށް އިމްރާން ވަނީ އޭނާގެ އަތުގައި ރިލްވާންގެ މައްސަލަ އާއި އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން އޭރުގެ ސަރުކާރަށް ނިސްބަތްވާ އަދި މިހާރު އިދިކޮޅުގައި ހުންނެވި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ އެ ހެކިތަކަށް މިހާރު ވީ ގޮތަކާއި މެދު ސުވާލު ކުރައްވާފައެވެ.

"މޭޑޭގެ މައްސަލައިގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބަޔަކު އަތުގައި އެއެއްޗެހި ވާންވާނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން އޭރުގައި ކޮން ފުލުހުނެއް ތޯ އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންބޭފުޅެއްތޯ އެ ގެންދިޔައީ." ސުވާލަށް ޖަވާބު ދެއްވާ އިމްރާން ވިދާޅުވިއެވެ.

އެ ހެކިތައް ހޯދުމަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާނެ ކަމަށްވެސް ހޯމް މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި އިމްރާން މިއަދު ވިދާޅުވިއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ.

އެ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުގީގުން އެނގުނު ގޮތުގައި ރިލްވާން މަރާލާފައި ވަނީ ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ރާއްޖޭގައި އުޅޭ އެ ޖަމާއަތުގެ ގޮފީގެ މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *