ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރި މައްސަލަ ބަލަން ނަޝީދު އެދިވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަ ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިއްޔެ ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

ނަމަވެސް އޭސީސީ އިން ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖާ ކުރަމުން ގެންދާ ކަމަށް އޭސީސީ އިން ބުންޏެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އޭސީސީއާ ފުލުހުން ގުޅިގެން ފުލުހުން ހިންގި ތަހުގީގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ކުރެވޭ ވަރަކަށް ހެއްކާ ގަރީނާ ނެތް ކަމަށް ޕީޖީ ޝަމީމް ވިދާޅުވާ ކަމަށެވެ.

"މި ހިލާފު އުފެދިފައިވާތީވެ، އަޅުގަނޑު އެދެން މަޖިލިހުންގެ ޖުޑީޝަރީ ކޮމިޓީން މި މައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، ވެންޓިލޭޓަރުތައްކުގެ ކޮރަޕްޝަންގައި ބައިވެރިވި މީހުން ހޯދި، އެމީހުނަށް ހައްގު އަދަބުދީ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދެންދެން ފާރަވެރިވެ އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *