އިތުބާރު ނެތް ކަމަށް ވައްދާފައި ވަނިކޮށް އަމީން އިސްތިއުފާ ދީފި

ހެލްތް މިނިސްޓަރު އަމީން އަބދުﷲ/ ފޮޓޯ- ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހެލްތު މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވާފައި މިވަނީ ކޮވިޑް19 އާއި ގުޅިގެން ހެލްތު މިނިސްޓްރީ އިން ވެންޓިލޭޓަރުތަކެއް ގެނައުމަށް މަސައްކަތްކޮށް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވޭ ކަމާއި ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް އެ މައްސަލާގައި އަމީނުގެ އިތުރުން 11 ފަރާތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) އަށް ފޮނުވުމުން އެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީީ)ގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި އަމީނު އިސްތިއުފާ ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރާއްޖެއަށް ލިބެންޖެހޭ ހަގީގީ ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވަނީ ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ކަމަށެވެ. އަމީން ވަނީ ރައީސް ސޯލިހު ބަލި ކޮށްލުމަށް ރޭވުންތައް ރާވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އަމީން ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓަރުގެ މަގާމުން ދުރު ކުރުމަށް ވާން ކުރުމަކީ ކޮންމެހެން އޭނާ އަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ދެކިވަޑައެއް ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ." އަމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *