ދައުވާކުރަން ފޮނުވީ އެކަށީގެންވާ ވަރަށް ހެކި ހުރުމުން: އޭސީސީ

އޭސީސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި: ފޮޓޯ / މަޖިލިސް

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގައި އެކަން ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް ޕީޖީ އިން ބުނި ބުނުމަށް އޭސީސީ އިން ރައްދު ދީފިއެވެ.

މިއަދު ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

ޝަމީމަށް ރައްދު ދެއްވާ އޭސީސީ އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު އަމަލު ކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގައި ދައުލަތުގެ އޮފީހަކުން، ދައުލަތުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތްތައް ކުރުވުމުގައި، އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން މާލިއްޔަތު ގަވާއިދުގެ 10.03ގެ (ހ) ގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓްރީ އިން އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭ ގޮތަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީ އިން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް 13 ފެބްރުވަރީ 2020 ގައި ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީގައި އެދުމުން، ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވައި އެ ހާއްސަ ހުއްދައިގެ މުއްދަކީ 1 މަސް ދުވަސް ކަމަށް ބަޔާންކޮށް 17 ފެބްރުވަރީ 2020 ގައި ހުއްދަދީފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން، 17 މާރިޗް 2020 އިން ފެށިގެން 1 މަސްދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތު މިނިސްޓްރީ އިން  30 މާރިޗް 2020 ގައި ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރުތައް ހޯއްދެވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށް ގެންދިއުމަށް 01 އޭޕްރިލް 2020 ގައި ފިނޭންސް އިން ހުއްދަ ދީފައިވާފައިވާ ކަމަށެވެ.

އެ ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 4 ގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮންނަ އުސޫލަށް ޢަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއް ކަމަށް އޭސީސީ އިން ބުނެއެވެ.

އޭސީސީ އިން ބުނީ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް 01 އޭޕްރިލް 2020 ގައި ހެލްތު މިނިސްޓްރީގެ ޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާ ކަމަށެވެ.

"75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 02 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައެވެ. އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގެއެވެ." އޭސީސީ އިން ބުންޏެވެ.

އެހެންކަމުން، ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭސް މިނިސްޓްރީ އިން ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށާއި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމްނުވާ ގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް އޭސީސީ އިން ބުންޏެވެ.

"މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީއެވެ. އަދި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މިގެންދަނީ މުރާޖަޢާ ކުރަމުންނެވެ." އޭސީސީ އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *