ރައްޔިތުންގެ އިތުބާރު ގެއްލޭކަން ހެކިތަކެއް ބޭނުމެއް ނުވާނެ: އަލީ އާޒިމް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ސާފުކޮށް އެނގޭ މިންވަރަށް ކަމެއް ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލުމަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ނުސީދާ ގޮތެއްގައި އޭނާ ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ ތަހުގީގީ އިދާރާއެއްގެ ނާގާބިލު ކަމުން ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނުހޯދުނު ނަމަވެސް ސާފުކޮށް އެނގޭ މިންވަރަށް ކަމެއް ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލުމަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށެވެ.

މިނިސްޓަރު އަމީނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު އެމްޑީޕީގެ 24 މެންބަރުން ސޮއި ކުރައްވާ ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ކުރިން އެޕާޓީގެ ޕީޖީ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންގެ މަސައްކަތް ފެއްޓެވިއިރު ވެންޓިލޭޓަރުތަކުގެ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އޭސީސީ އަށް ފޮނުވާލައިފައެވެ.

މީގެއިތުރުން ޕީޖީ އިން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލި ސަބަބު ހާމަކޮށްފައެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *