24 މެންބަރުންގެ ސޮއާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަޖިލީހުގެ ސުލޫކީ ކޮމެޓީގައި: ފޮޓޯ / ހަތާވީސް އޮންލައިން

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ 24 މެންބަރުންގެ ސޮއި ހަމަ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕް އަށް ނިސްބަތްވާ ތިން މެންބަރު ވަޑައިގެންނެވިއެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާންއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މި މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ. އެގޮތުން އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.

އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންގެ މަސައްކަތް ފެއްޓެވިއިރު ވެންޓިލޭޓަރުތަކުގެ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އޭސީސީ އަށް ފޮނުވާލައިފައެވެ.

މީގެއިތުރުން ޕީޖީ އިން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލި ސަބަބު ހާމަކޮށްފައެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *