ވިޕްލައިނާ ހިލާފަށްވެސް އަމީނު ވަކި ކުރުމުގެ މަސައްކަތް ކުރާނަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު --

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އަމީނު ވަކި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެދުގައި ވޯޓެއް ނެގުމުގެ ކުރިން އެޕާޓީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ހިނގައިދިޔަ ހޫނު ބަހުސެއްގައެވެ.

އަމީން މަގާމުން ވަކިކުރުމަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުގެ ކުރިން އެމްޑީޕީގެ ޕީޖީގެ ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ވިދާޅުވީ ޕާޓީގެ ވިޕްލައިނުން ބޭރުންވެސް އަމީނުގެ އިތުބާރު ނެތްކަމުގެ ވޯޓު ލާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ވިޕްލައިނާ ހިލާފުވެ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން އެމަނިކުފާނާއި މެދު ފިޔަވަޅު އެޅި ނަމަވެސް އެކަން ގަބޫލުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާހެއް ނުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބޭއްވީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނިންމާފައިވަނިކޮށެވެ. ޕީޖީ އޮފީހުން އެގޮތަށް ނިންމީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *