އެމްޑީޕީ ޕީޖީ އިން ނިންމީ އަމީނުގެ އިތުބާރު އޮތް ކަމަށް

ހެލްތް މިނިސްޓަރު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެދުގައި ނެގި ވޯޓުން އަމީނުގެ އިތުބާރު އޮތް ކަމަށް އެޕާޓީގެ ޕީޖީ ގްރޫޕް އިން ފާސްކޮށްފިއެވެ.

މި މައްސަލަ އެމްޑީޕީގެ ޕީޖީ އަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްއެވެ. މީކާއިލް ނަސީމް ވިދާޅުވީ މިނިސްޓަރު އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް މިއަދު އެމް.ޑީ.ޕީ ޕާލަމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް އެބައޮތް ކަމަށެވެ.

މި މައްސަލާގައި މީގެ އިރުކޮޅެއް ކުރިން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި 58 މެންބަރަކު ބައިވެރިވެވަޑައިގަތެވެ.  އޭގެ ތެރެއިން އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންގެ މަސައްކަތް ފެއްޓެވިއިރު ވެންޓިލޭޓަރުތަކުގެ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އޭސީސީ އަށް ފޮނުވާލައިފައެވެ.

މީގެއިތުރުން ޕީޖީ އިން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލި ސަބަބު ހާމަކޮށްފައެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *