ވެންޓިލޭޓަރު މައްސަލަ: މައްސަލަ ފޮނުވިއިރު ޕީޖީ އޮފީހާ މަޝްވަރާއެއް ނުކުރޭ

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ހަތާވީސް އޮންލައިން

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ފޮނުވިއިރު އެ އޮފީހާ މަޝްވަރާ ކޮށްފައި ނުވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ވަނީ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކޮށް އެ މައްސަލަ އަލުން އޭސީސީ އަށް ފޮނުވާލައިފައެވެ. އެކަން އިތުރަށް ތަފްސީލް ކޮށްދެއްވުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީއާ ޕީޖީއާ އެކު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް އޭސީސީ އިން ފޮނުވިއިރު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ޝަމީމް މިއަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

މި މައްސަލާގައި ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން އެދުނެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުވެސް ހިމެނިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *