ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގައި ސާބިތު ކުރެވޭވަރު ކަމެއް ނެތުމުން: ޕީޖީ

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ ދައުވާ ނުކޮށް އަނބުރާ އޭސީސީ އަށް ފޮނުވާލީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސާބިތު ކުރެވޭ ވަރުގެ ކަމެއް ނެތުމުން ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީ އިން ތަހުގީގު ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ. އޭސީސީ އިން ބުނީ މި މައްސަލަ އަކީ އެ ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން، މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަންގެ ތެރެއިން ހަތަރު އިންވެސްޓިގޭޓަރުން ހިމެނޭ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން، ތަހުގީގު ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އޮގަސްޓު މަހުގެ 22ވަނަ ދުވަހުން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތިން  އިންވެސްޓިގޭޓަރުން މި މައްސަލަ ތަހުގީގު މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

މި މައްސަލައިގައި އަމީންގެ އިތުރުން ދެން ދައުވާކުރަން ފޮނުވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދާއި ބިޑު ކޮމިޓީގެ ދެ މެމްބަރަކާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ނައުޝާދު އަލީ އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް އާއި މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު އާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ، ޢަބްދުﷲ ޙަފީޡް އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށެވެ.

މި މައްސަލަ އިތުރަށް ތަފްސީލް ކޮށްދެއްވާ ޝަމީމް މިއަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީ އިން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *