ރައީސް ސޯލިހް މޯދީއަށް ޝުކުރު ދަންނަވައިފި

ރައީސް ސޯލިހް މޯދީއާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން އެ ސިޓީއިން ނެރުމަށް އިންޑީޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައިވަނީ، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް، އިންޑިޔާގެ ބޮޑުވަޒީރުގެ އިތުރުން، އިންޑިއާގެ ހާރިޖީވަޒީރު ޑރ. ޖައިޝަންކަރްއަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ މިއީ ރާއްޖޭއާއި އިންޑިޔާގެ ދެމެދުގެ އޮންނަ ގާތް ގުޅުން ދައްކުވައިދިން ރީތި މިސާލެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހްވަނީ ޗައިނާގެ ވޫހާން ސިޓީއިން ދިވެހިން  ބޭރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާގެ ސަރުކާރަށާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިއޮންއަށް ޝުކުރު ދަންނަވާފައެވެ.

ޗައިނާއިން އިންޑިޔާއަށް ދިއުމަށް ދަތުރު ފަށާފައިވަނީ، ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވި 7 ދިވެހިން ނެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ، ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން 7 ދިވެއްސަކު އިންޑިޔާގެ އެއާލައިނެއްކަމަށްވާ އެއާ އިންޑިޔާއިން އެގައުމަށް ދާން ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އެ މީހުން އިންޑިޔާއަށް ދިއުމާއެކު ކަރަންޓީން ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ރައްޔިތުން ބަލައި ވޫހާނަށް ދިޔަ ފްލައިޓުގައި ދިވެހިން އެ ގައުމަށް ގެންދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ މިސާލެއް ކަމަށެވެ.

މި މީހުން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ދިއްލީގައި 14 ދުވަހު ބޭތިއްބުމަށް ފަހުއެވެ. މި 7 ދިވެހިން ދިއްލީއަށް ގެންދިޔައީ، ވޫހާނުގައި ތިބި އިންޑިއާގެ 323 މީހުން ބަލާ، ވޫހާނަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ މުހިންމު ދެ ނިންމުމެއް ނިންމާފައެވެ. އެއީ ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ފްލައިޓުތަކުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރެއް ދިވެހިންވެސް ރާއްޖެއިން ބޭރަށް ނުކުރުމަށް ނިންމާފައިވާ ނިންމުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.