ނަޝީދުގެ ތައުރީފު ސަރުކާރަށް: ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް!

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ޒިންމާދާރު ކަމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް އަހަރު ދައުލަތުން ދައްކަން ޖެހިފައިވާ ދަރަނީގެ ނިސްބަތްވެސް ބޮޑު ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ކަންކަން ޒިންމާދާރު ކަމާއެކު ކުރިޔަށް ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދުގެ މުގުލުގައި ރައީސް ސޯލިހު ހުންނަވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރައްވަމުން ގެންދަވާ މަސައްކަތް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ބަލައިގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއްވެސް ސަރުކާރަކަށް ހަރަދު ކުޑަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަން ލިބިގެން ސަރުކާރަށް ދިވެހި ރައްޔިތުންނަށް ހިމާޔަތް ދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެވިއެވެ.

ދަރަނީގެ ވާހަކަތައް ރައީސް ނަޝީދު ދެއްކެވިއިރު ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި 172 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ކުރިއަށްގެންދިޔަ ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އަމީރަށް ތައުރީފު ކުރައްވާ ވާހަކަދެއްކެވިއިރު މިދިޔަ އޮގަސްޓު މަހުގެ 10ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ އަމީރަށް ދަރަނި ރަނގަޅަށް މެނޭޖު ކުރަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ނުރުހުންފާޅު ކުރައްވާފައެވެ. އަދި ދާދިފަހުން އެމަނިކުފާނު ވަނީ އެއް އެއްވެސް އިތުރު ޖޫރިމަނާ އަކާއި ނުލާ ބޭރު ގައުމުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *