އުސޫލާ ހިލާފަށް އައިއޭއެސް ވެރިންގެ މުސާރަ ބޮޑުކުރި މައްސަލައިގެ ރިޕޯޓަށް މާދަމާ ވޯޓަށް އަހަނީ

އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ---

އައިލެންޑު އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ވެރިންގެ މުސާރަތައް އުސޫލާ ހިލާފަށް ބޮޑުކުރި މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީ އިން އެކުލަވާލި ރިޕޯޓަށް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ހުރި މައްސަލަތަކާ ގުޅޭގޮތުން އެސްއޯއީ ކޮމެޓީ އިން ފާސްކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އައިލެންޑް އޭވިއޭޝަން އިން އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން އެމަގާމަށް މުވައްޒަފުން ޕްރޮމޯޓު ކުރުމުގެ ބަދަލުގައި އުސޫލާއި ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.

ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާ އިން 25،000 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާއިރު އެއީ، މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށް ވުރެން ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލާ ޑިޕާޓުމަންޓުތަކުގެ ވެރިންގެ މުސާރަ 2019ވަނަ އަހަރު ބޮޑުކޮށްފައިވާ ކަމަށާއި 27 ޖޫން 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަ ދެއްވާފައިވާކަމާއި، މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

މުސާރައަށް ގެނެސްފައިވާ ބަދަލުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައަށް 81950 ރުފިޔާއަށް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރަ 67630 ރުފިޔާއަށް އަރައެވެ.

އެސްއޯއީ ކޮމެޓީ އިން އެކުންފުންޏަށް ވަނީ ކުންފުނިން އެކި ވިޔަފާރުތަކުން ލިބޭ އާމްދަނީއަށް ބަލާއިރު، ވަކި ވަކި ސެކްޓާތަކުން ލިބޭ އާމްދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްޓުމަށް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުސޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއާ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *