ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ގަރާރެއް ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.

މާދަމާގެ މަޖިލިސް ޖަލްސާ އަށް އެ ގަރާރު އެޖެންޑާކޮށްފައިވާއިރު ޝިޔާމް އެ ގަރާރު ހުށަހަޅަނީ ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައެވެ.

ދާދިފަހުން ޝިޔާމް ވަނީ އެކަމާއި ގުޅިގެން ޓްވީޓެއް ވެސް ކުރައްވާފައެވެ. ޝިޔާމް ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ހުއްޓުވީ މަސައްކަތުގެ 85 ޕަސެންޓު ނިމިފައި ވަނިކޮށް ކަމަށް ތުހުމަތު ކުރައްވާފައެވެ. ދެފަހަރެއްގެ މަތިން މަސައްކަތް އަލުން ފެށުމަށް ތާރީހު ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ނައިފަރު ޒުވާނުން އިސްނަގައިގެން ދާދިފަހުން ސައިކަލު ބުރެއްވެސް ވަނީ ބާއްވާފައެވެ. މަގުތަކުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކޮށް ނައިފަރު ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އެރަށަކީ 5600 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު 1000 ކުދިން އެރަށުގައި ތައުލީމު ހާސިލު ކުރާ ކަމަށެވެ. ސްކޫލު ވަށައިގެން ފެންގަނޑު ހެދޭ ކަމަށާއި އަތޮޅު ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް އެ އަތޮޅުން ގިނަ ބަޔަކު ނައިފަރަށް އަންނައިރު ހޮސްޕިޓަލުގެ ދޮރާ ހަމާގައި ފެން ހުންނަ ކަމަށް ނައިފަރު ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *