ރައީސް އޮފީހުގެ އިސްވެރިންގެ މުސާރައަށް މަހަކު 1.7 މިލިއަން ހަރަދުވޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަށް މަހެއްގެ މައްޗަށް 1.7 މިލިއަން ރުފިޔާ ހަރަދު ކުރާކަން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ މައުލޫމާތު އާންމު ކުރާ އާންމު ފަރުދެއް ކަމަށްވާ އައިމަން ލަތީފުގެ އެދުމުގެ މަތިން ރައީސް އޮފީހުން ވަނީ އެ މައުލޫމާތު އޭނާ އަށް ހިއްސާކޮށްފައެވެ. އަދި އައިމަން ވަނީ އެ މައުލޫމާތު ހާމަކޮށްފައެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުން ފެށިގެން ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ މުސާރަ އަށް މަހެއްގެ މައްޗަށް 1.68 މިލިއަން ރުފިޔާ އަންނަނީ ހަރަދު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ވަނީ 100،000 ރުފިޔާއެވެ. އެމަނިކުފާނުގެ ނާއިބުގެ މުސާރަ އަކަށް ކަނޑައަޅާފައި ވަނީ 75،000 ރުފިޔާއެވެ.

މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅަކު ރައީސް އޮފީހުގައި ތިއްބަވާއިރު އެއިން ކޮންމެ ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މަހެއްގެ މައްޗަށް 462،000 ރުފިޔާއެވެ. ސްޓޭޓް މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވާއިރު މަހެއްގެ މައްޗަށް އެއިން ކޮންމެ ބޭފުޅަކަށް 48،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވައެވެ. ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދަ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ތިއްބަވާ ބޭފުޅުންނަށްވުރެ ގިނައިން ލިބިވަޑައިގަންނަވައެވެ. އެއީ 55،000 ރުފިޔާއެވެ.

އައިމަން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުންނުން ފެށިގެން ރައީސްގެ ތަރުޖަމާނުގެ މުސާރަ އަށް މަހެއްގެ މައްޗަށް 491،000 ރުފިޔާ ހަަރަދު ކުރެއެވެ. ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ތިއްބަވަނީ 13 ބޭފުޅުން ތިބޭއިރު އެ ބޭފުޅުންނަށް މަހަކު 43،000 ރުފިޔާ ލިބެއެވެ. އަދި މަހެއްގެ މައްޗަށް އެބޭފުޅުންގެ މުސާރަ އަށް 559،000 ރުފިޔާ ހަރަދުކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ސިޔާސީ މަގާމުތައް ހުރީ 465ގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެއަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ 69 ޕަސެންޓް ވަނީ އިތުރުވެފައެވެ. އަދި އެމީހުންގެ މުސާރައާ އިނާޔަތްތަކަށް 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިއަހަރުގެ ބަޖެޓު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅިއިރު ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *