130 ކިލޯގެ ޑްރަގު މައްސަލަ: އަހުމަދު މޫސާގެ ބަންދަށް 15 ދުވަސް ޖަހައިފި

އަހުމަދު މޫސާ ---

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން މި މަހުގެ 12ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އަހުމަދު މޫސާގެ އިތުރުން މި މައްސަލާގައި އިތުރު 6 މީހަކުވެސް ހައްޔަރުކުރިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އަހުމަދު މޫސާ އަކީ މި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ދެ މީހުންގެ ތެރެއިން އެކެކެވެ. ދެން މިކަމުގައި އިސްކޮށް އުޅުނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އެވެ.

އަހުމަދު މޫސާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މީގެކުރިން އޭނާގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ މީގެކުރިން ދީފައެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *