އަނަސްގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް މާދަމާ

އަނަސް --

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދުވަސްތަކެއް ވަންދެން އަޑުއެހުމެއް ނުބާއްވާ އޮތުމަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފިއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އަނަސްގެ މަރުގެ މައްސަލަ އަލުން ތާވަލުކޮށްފައިވަނީ، މާދަމާ ހެނދުނު 9:00ގައެވެ.

މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރި މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ ލިބޭ ހަތް މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒް އާއި، ޖުނައިޙު ޢަބްދުﷲ އާއި، ޙަސަން މަޙުފޫޒު އާއި ސިމާޙު މޫސާގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަޙުމަދު ޒަޔާން އާއި، އުޘްމާން ޝަރީފާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ 7 މީހުން ދަޢުވާއަށް އިންކާރު ކުރި ނަމަވެސް، އެމީހުންނާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސިއްރުހެކިންގެ ހެކިބަހާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވީޑިއޯ އެނަލިސިސް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރު ކުރި ފުލުސްގެ ހެކިބަހާއި، ޕޮލިސް އިންޓެލިޖެންސް ރިޕޯޓާއި، އެ މައްސަލައިގައި ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގެ އިތުރުން، ކޯލް ޑީޓެއިލް ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސާސްގެ 2 ރިޕޯޓަކާއި، އެ ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ ހެކިބަސް ހިމެނެއެވެ.

މީގެ އިތުރުން އެ މައްސަލައިގެ ސީސީޓީވީ ފޫޓޭޖް އާއި، އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ތައްޔާރުކުރި މަރުގެ ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަހާއި، ޑީއެންއާރްގެ ފަރާތުން ތައްޔާރުކުރި މަރު ސާބިތު ރިޕޯޓުވެސް އެމީހުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *