"ބޭރުގެ ބަޔަކު އަޅުވެތި ކުރުމުގެ ބިރަށްވުރެ އިޖްތިމާއީ މައްސަލަތަކުން މިނިވަންކަން ގެއްލުމުގެ ބިރު ބޮޑު"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

ބޭރުގެ ބަޔަކު ރާއްޖެ އައިސް އަޅުވެތިކޮށް ރާއްޖޭގެ މިނިވަން ގެއްލުވާލުމުގެ ބިރަށްވުރެ މިއަދު ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ ބިރު ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި ގައުމީ ދުވަހާ ގުޅިގެން އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ދުރުން ބޭރުން އަރައިގެން އައިސް ދިވެހިން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މި ވަގުތު ދިވެހިން އަޅުވެތިވެފައި ވަނީ އިޖުތިމާއީ އަހުލާގީ ވަބާތަކަށް ކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުގެ ކިބައިން މިނިސްޓަރު އިމްރާން ވަނީ އެކަމާ މެދު ވިސްނާ ފިކުރުކޮށް އެ މައްސަލަތައް ހައްލު ކުރުމަކީ އަމިއްލަ ފަރުދީ، ގައުމީ ޒިންމާއެއް ކަމުގައި ގަބޫލުކޮށްގެން އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ، އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށީގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރަ، އިސްލާމްދީނަށް ތައުހީނުކުރުމުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން އަންނަ އައުން އަދި އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުން" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި ދުނިޔޭގެ ގައުމުތަކަށް އަންނަ ބަދަލުތައް ހަމަ ދިވެހިރާއްޖެ އަށް ވެސް އަންނަމުންދާ ކަމަށާއި އެކަމާއި މެދު ވިސްނާލާއިރު ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތަފާތު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *